އިންޑިއާ ރައްޔިތުންނަށް ކޯވިޑް ވެކްސިން ދިނުމަށް ހިންގާ "ހިލޭ ވެކްސިން" ޕްރޮގްރާމްގައި ރައްޔިތުންނަށް އޮޅުވާލަމުންދާކަން ފަޅާ އަރައިފި އެވެ.
މިކަން މީޑިއާ އާއި އާންމުންގެ ސަމާލު ކަމަށް އެންމެ ފުރަތަމަ އައީ ވެކްސިން ޖެހުމަށް އުމުރު ހަމަނުވާ އުމުރުން 13 އަހަރުގެ ކުއްޖެއްގެ އުމުރު 56 އަހަރަށް ބަދަލުކޮށް ވެކްސިން ޖެހި ކަމަށް ބުނެ އީ ސެޓްފިކެޓް ފޮނުވުމުންނެވެ. އެ ކުއްޖާ އަކީ މަދްޔަ ޕްރަދޭޝްގެ ގޯޕާލަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
ކުއްޖާގެ ބައްޕަ މީޑިއާގައި ބުނީ އޭނާގެ ދަރިފުޅު ކޮވިޝީލްޑް ވެކްސިން ޖެހިކަމަށް ބުނެ ފޯނަށް އައި މެސެޖު ފެނުމުން ޖެހުނީ ޝޮކެއް ކަމަށެވެ. އަދި އީ ސެޓްފިކެޓް ޑައުންލޯޑު ކުރުމަށް މެސެޖުގައި އިން ލިންކަށް ގޮސް ބެލި އިރު އުމުރު ނޫނީ ކުއްޖާގެ ހުރިހާ ވަނަވަރާއި މައުލޫމާތު ދިމާވާ ކަމަށާއި އެގޮތުން އެޑްރެހާއި ބޭންކް އެކައުންޓު ފަދަ މައުލޫމާތުގެ އިތުރުން އައިޑީކާޑު ނަމްބަރުވެސް ދިމާވާ ކަމަށް ބުންނެވެ.
އެ މައްސަލައިގަ އޭނާ ފުލުހުންނަށް މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށް ބުނެފައިވެ އެވެ. ކުއްޖާ އާއި ގުޅޭ އެހާ ތަފްސީލީ ފަހުގެ މައުލޫމާތުތަކެއް ހޯދި ކަަމަށް ބެލެވެނީ އެ ކުއްޖާގެ ޕެންޝަން ފައިސާ ހޯދުމަށް ގޯޕާލްގެ މުނިސިޕަލް ކޯޕަރޭޝަނަށް ވަރަށް ފަހުން ހުށަހެޅި ލިޔުންތަކެއް ބަލައިގެން ކަމަށް އޭނާ ބައްޕަ ގަބޫލު ކުރެ އެވެ.
މިކަމާއި ގުުޅިގެން ނޫސްވެރިން ކުރި އިތުރު ދިރާސާއިން އެނގުނީ ގޯޕާލްގެ ގިނަ ބަޔަކަށް އެގޮތަށް މެސެޖު ލިބެމުންދާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ތިން ފަހަރު ކޯވިޑް ވެކްސިން ޖެހި ކަމުގެ މެސެޖު ގޮސްފައިވާ ކަމުގެ ހެކި މީހުން ދައްކާފައިވެ އެވެ.
ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ ކޯވިޑް ޖެހިގެން މަރުވެފައިވާ އެމީހުންގެ މައިން ބަފައިންނަށް ވެކްސިން ޖެހި ކަމަށް ބުނެވެސް މެސެޖު އަންނަމުންދާ ކަމަށެވެ.
މި މައްސަލައިގަ ގޯޕާލްގެ މެޑިކަލް އެޑިއުކޭޝަން މިނިސްޓަރު ވިޝްވާސް ސަރަންގު ވިދާޅުވީ އެ ފަދަ އެއްވެސް މައްސަލައެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެއީ ދެނަހުރި ކަމެއް ނޫން ކަމަށާއި އެކަމަކު އެކަން އެގޮތަށް ހިނގާތޯ ބައްލަވާނެ ކަމަށެވެ.
އިންޑިއާގައި ހިލޭ ވެކްސިން ޕްރޮގްރާމް ފެށީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމްގެ ދަށުން ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުން އިންޑިއާގެ 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ހިލޭ ކޯވިޑް-19 ވެކްސި ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް