ކޯވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ދެ ވައްތަރުގެ ދެ ޑޯޒު ޖެހުމުން ދިފާއީ ނިޒާމު އިތުރަސް ވަރުގަދެ ރައްކާތެރިކަން އިތުރު ވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ކޯވިޑް-19 އަށް ތައްޔާރުކޮށްފައިވާ ހުރިހާ ވެކްސިންތަކަކީ ވަރަށް ބާރުގަދަ، ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ވެކްސިންތަކެކެވެ. އެހެން ކަމުން ކޯވިޑަށް ތައްޔާރުކޮށްފައިވާ ކޮންމެ ވެކްސިނެއް ޖެހިޔަސް އޭގެން ހަށިގަނޑަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
ދެ ވައްތަރުގެ ދެ ޑޯޒު ޖެހުމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ ކޮންމެސް އިތުރު ފައިދާއެއް ލިބި ބަލިން ރައްކާތެރި ވާނެ ގޮތަށް ކަމަށެވެ. އެގޮތަށް ބަލާއިރު ފައިޒާ ވެކްސިން އެންޓީބޮޑީ އާއި ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި އެސްޓްރަޒެނިކާ ވެކްސިން އަކީ ޓީސެލް ވަރުގަދަ ކޮށްދިނުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނެއް ކަމަށް ވިދާޅުވި އެވެ.
ޓީ ސެލްއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް ހުންނަ ވައިޓް ސެލް އެކެވެ. އެ ޔުނިވާސިޓީގެ ތަޖުރިބާކާރުން ބުނީ އެގޮތަށް ކޯވިޑަށް އުފައްދާފައިވާ ކޮންމެ ވެކްސިނެއްގައިވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް މުހިންމު ބައިތަކެއް އެކުލެވިގެންވާ ކަމަށެވެ.
އެހެން ކަމުން ދެ ވެކްސިންގެ ދެ ޑޯޒު ޖެހުމުން ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ހަށިގަނޑަށް އިތުރު ބާރު ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ހަގީގަތް މިހާރު ބަދަލު ކުރެވެން ނެތް ކަމަށާއި އެއް ވައްތަރުގެ ދެ ޑޯޒު ޖެހުމެކޭ ދެ ދައްތަރުގެ ދެ ޑޯޒު ޖެހުމެކޭ ވަކި ތަފާތެއް ނެތް ކަމަށެވެ.
އެ ޔުނިވާސިޓީގެ ދިރާސާތަކާއި ގުޅޭގޮތުން އިތުރަށް ވިދާޅުވީ ދެ ވައްތަރުގެ ދެ ޑޯޒު ވެކްސިން ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަށް މިހާގެ ބަލި ހާލަތު ކޯވިޑް ޖެހިގެން ނުދާކަންވެސް ފާހަގަވަމުންދާ ކަމަށެވެ. ހާއްސަކޮށް އެސްޓްރަޒެނިކާ ވެކްސިން ޖަހާ މީހުންގެ 90 ޕަސެންޓު މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ނުޖެހެ އެވެ.
އަދި އެންމެ ނުރައްކާތެރި ކޯވިޑް ވޭރިއަންޓުގެ ގޮތުގައި ބެލެވެމުންދާ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާކަންވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ދެ ވައްތަރުގެ ދެ ޑޯޒު ޖެހުމަކުން ސައިޑް އިފެކްޓު އިތުރުވާ ކަން ފާހަގަވެފަވެސް ނުވާ ކަމަށެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑުން ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކުގައި ވެކްސިން ޑޯޒު ހަމައަށް ލިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ދެ ވައްތަރުގެ ދެ ޑޯޒު ޖަހަމުންދާ ކަން ފާހަގަ ކޮށްފައި އެވެ. އެކަމާއި ގުޅޭގޮތުން ބުނެފައިވަނީ ރައްޔިތުން ހާސްވާން ނުޖެހޭ ކަމަށާއި ކޯވިޑަށް އުފައްދާފައިވާ ވެކްސިންތަކާއި އޭގެން ލިބޭ ފައިދާއަށް ބަލާއިރު އެއީ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ.
މުއްސަނދި ގައުމުތަކުގެ ތެރެއިން ސްޕެއިން އާއި ޖަރުމަނުވިލާތުގައި ދަނީ 65 އަހަރުން ދަށުގެ މީހުންނަށް ކޯވިޑް ވެކްސިންގެ ދެ ވައްތަރުގެ ދެ ޑޯޒު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް