އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ގައުމަކަށް ރާއްޖެ!

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ...

28 Jun 2021 | 19:14

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ދުނިޔޭގެ ގައުމުތަކުން އެއްބަސްވީ 1989 ވަނަ އަހަރުގެ މޮންޓްރިއާލް ޕްރޮޓޯކޯލްގެ ތެރެއިންނެވެ. މި އެއްބަސްވުމުގަގެ ދަށުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ކަނޑައެޅީ 2030 ވަނަ އަހަރުގެ ކުރިންނެވެ.

ރާއްޖެއިން މިކަން ހާސިލުކުރީ، މިކަން ކުރަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ 10 އަހަރު ކުރިންނެވެ.

ރާއްޖެއިން މި ހާސިލުކުރި ކާމިޔާބީ ފާހަގަކުރަން މިއަދު ބޭއްވި "އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ" ރަސްމިއްޔާތުގައި މި މަސައްކަތުގައި އުޅުނު ރާއްޖޭގެ ވުޒާރާތަކާއި އޮފީސްތަކުގެ އިސްބޭފުޅުންނާއި މި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ބޭރުގެ ފަރާތްތަކުން ބައިވެރިވި އެވެ.

އޭގެ ތެރޭގައި އދ. ގެ ކަމާބެހޭ ޖަމިއްޔާތަކުގެ އިސްފަރާތްތަކާއި ރާއްޖޭގެ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން މި ގޭސް އެންމެ ގިނައިން ބޭނުންކުރަމުން ދިޔަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.

ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން އެބަހުރި ކަމަށެވެ. އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބަދަލުތައް ގެނެވުމުން އެ ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ގޮތުންނާއި މާލީ ގޮތުން ލިބެންޖެހޭ އެހީތެރިކަން ލިބިއްޖެނަމަ، އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުން ކަމަށެވެ.

ރާއްޖެއިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ފެށި 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް އެތެރެކުރި އެވެ. އެކަމަކު މިދިޔަ އަހަރު މި އަދަދު ވަނީ ސުމަކަށް ތިރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް