ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯއިން ތަކެތި ހަދިޔާކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އެ މަރުކަޒަށް އެސްޓީއޯއިން ތަކެތި ހަދިޔާކުރީ އެކަމަށްޓަކައި އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެސްޓީއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ފިލިޕްސް ހޭންޑް މިކްސަރ،ފިލިޕްސް މިކްސަރ ގްރައިންޑަރ، ފިލިޕްސް ބްލެންޑަރ، ހިޓާޗީ ގޭސް ކުކަރ އަދި ސޭންފޯރޑް އިލެކްޓްރިކް އަވަން ހިމެނެއެވެ. މީގެ އިތުރުން އެސްޓީއޯ ސުޕަރމާޓް ގިފްޓް ޕެކްސް ހިމެނެއެވެ.
އެސްޓީއޯއިން ބުނީ މިތަކެތި ކ.ގުރައިދޫ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކޮށްދެއްވީ އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އިބްރާޙިމް ޒިޔަތު ކަމަށެވެ. އެ މަރުކަޒުން މިތަކެއްޗާއި ހަވާލުވެލެއްވީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒާހިދު ކަމަށެވެ.
ޒިޔަތުގެ ވާހަކަފުޅުގައި މިފަދަ މުއައްސަސާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވޭ މަސައްކަތް ތަކުގެ ތެރެއިން މުހިއްމު ބައެއް ކަމުގައި އެސްޓީއޯއިން ދެކޭކަމަށް ވިދާޅުވިއެވެ. އެސްޓީއޯއަކީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށާއި، މުޖުތަމައުއަށް ފައިދާހުރި މަސައްކަތްކުރާ ފަރާތްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކުރެއްވިއެވެ.
ޒާހިދުގެ ވާހަކަފުޅުގައި މިފަދަ އެހީތައް ގުރައިދޫ މަރުކަޒުން އަބަދުވެސް އުފަލާއިއެކު ބަލައިގަންނަ ކަމަށާއި އަދި މިއީ މަރުކަޒުގައި ތިބޭ ބަލިމީހުންނަށްވެސް ހިތްހަމަޖެހުން ގެނެސްދޭ ކަމެއް ކަމުގައި ވިދާޅުވެ އެސްޓީއޯއަށް ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް