މާލޭ ސިޓީކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައިގެން މަސައްކަތްތައް ހައުންސިން މިނިސްޓްރީއަށް ގެންދިޔަ އިރު ފޮގްކުރާ މެޝިނަރީތައްވެސް ގެންދިޔަ ކަމަށާއި އެހެންކަމުން ޑެންގީ ހުމުން ރައްޔިތުން ސަލާމަތްކުރުމަށް ފޮގް ކުރެވެން ނެތް ކަމަށާއި ނަމަވެސް ބޭސް އަޅަންޖެހޭ ތަންތަނަށް ބޭސް އަޅަމުން އަންނަކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު މާލޭގައި އާދަޔާ ހިލާފަށް ޑެންގީ ފެތުރެމުންދާތީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމަށެވެ. އާންމުގޮތެއްގައި ޑެންގީއަކީ ހަތަރު އަހަރުން އެއް އަހަރު ފެތުރި އިތުރުވަމުންދާ ބައްޔެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ކަމަށާއި އެގޮތުން މި އަހަރަކީ މިބަލީގެ އައުޓްބްރޭކެއް ރާއްޖޭގައި އައުމުގެ ފުރުސަތު އޮތް އަހަރެއް ކަމަށްވާތީ އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މި އަހަރުގެ ކުރީކޮޅު އެ އިދާރާއިން ދެ ފަހަރެއްގެ މަތިން މީޑީއާ މެދުވެރިކޮށް މަސައްކަތްކޮށްފައިވާނެ ކަމަށް ކައުންސިލްގެ ނޫސްބަޔާނުގައި ވެ އެވެ.
"މީގެ ކުރިންވެސް މިފަދަ ދުވަސްވަރު މާލޭ ސިޓީގެ ސްކޫލުތަކާއި މަގުގެ ކާނުތަކާއި، ހުސްބިންފަދަ ތަންތަނަށް ފޮގް ސްޕްރޭ ކުރަމު، ނަމަވެސް މި އަހަރު މެޝިނަރީތައް ހައުސިން މިނިސްޓްރީއަށް ގެންދިއުމުން އެކަން ނުވީ، އެ މެޝިނަރީތައް ހޯދުމަށް 5 މާރިޗުގައި އެދިފައިވާނެ، އަދިވެސް އެ ސިޓީއަށް ޖަވާބެއް ނުލިބޭ" ސިޓީކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑެންގީ ހުމުގެ ރޯގާގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ ބިރުވެރިކަމާއި، ކުރިމަތިވާ ހިތާމަތަކުން އަރައިގަތުމަށް އެ ކައުންސިލުން ފޮގްކޮށްގެން އެކަން ހައްލުކުރެވެން ނެތްވާހަކަ ރައްޔިތުންގެ ސަމާލުކަމަށާއި މައުލޫމާތަށްޓަކައި ހިތާމަޔާއެކު ދަންނަވާ ކަމަށެވެ.
އެހެންނަމަވެސް މަދިރިން ސަލާމަތްވުމަށްޓަކައި އެ އިދާރާއިން ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ސަރަހައްދުގެ ގޭގެއާއި ހުސްބިންތައް ސާވޭކޮށް އަދި ބޭސް އަޅަންޖެހޭ ތަންތަނަށް ބޭސް އަޅަމުން އަންނަކަމަށްވެސް ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް