ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ ...

29 May 2025 | 15:09

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރެވޭ ޤާނޫނެކެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މި ޤާނޫނުގެ ބޭނުމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

ޤާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް