ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "ކޮމިއުނިޓީ އާރބަން ފާރމިންގ" މަޝްރޫޢުގެ ދަށުން ސްލޮޓް ދޫކުރަން ނިންމައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދޫކުރަން ނިންމާފައިވަނީ 718.17 އަކަފޫޓުގެ ދެ ސްލޮޓެވެ.
އެޗްޑީސީއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަޝްރޫޢިން ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާކަމަށާއި ހުޅުވާލެވިފައިވަނީ ހަމައެކަނި ޒުވާނުން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީއަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ކަމަށެވެ.
"ވީމާ ޝަރުތުހަމަވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެޗްޑީސީގެ އީމެއިލް އެޑްރެސް [email protected] އަށް 12 ޖޫން 2024 ވަނަ ދުވަހުގެ 23:59ގެ ކުރިން ފޮނުއްވުން އެދެމެވެ." އެޗްޑީސީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.
އެ އިޢުލާނާ އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހެއްގައި ބުނެފައިވާގޮތުގައި މި މަޝްރޫޢަކީ "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "ކޮމިއުނިޓީ އާރބަން ފާމިންގ" ކުރިއަރުވައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރާނެ އައު ޖީލެއް ބިނާކުރުމެވެ. އަދި މި މަޝްރޫޢަކީ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއް ގޮތުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
މި މަޝްރޫޢު ތަންފީޒުކުރުމަށް ނިންމާފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ބައިވެރިން ހޮވުމާއި ސޮއި ކުރުން ހިމެނޭއިރު މި ފިޔަވަހީގައި ތިން ބައިވެރިން ހިމެނޭހެން ޕާޓްނަޝިޕް ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމާއި ތަމްރީނު ކޯސްތަކުގައިބައިވެރިވުން ހިމެނެއެވެ.
ދެވަނަ ފިޔަވައްސަކީ އެއްބަސްވުމުގައި ސޮއިކޮށް ސްލޮޓް ހަވާލުކުރުމަށްފަހު ގުނޭ ތިން މަސް ދުވަހުގެ މުއްދަތެވެ. މި މުއްދަތުގައި ސަބްސިޑީއާއެކު ސްލޮޓް ހަވާލުކުރެވޭއިރު ފުރަތަމަ ތިން މަސްދުވަހުގައި އެއްވެސް ކުއްޔެއް ނުހިނގާނެކަމަށް ބުނެފައިވެއެވެ.
ތިންވަނަ ފިޔަވައްސަކީ ސްލޮޓް ހަވާލުކުރުމަށްފަހު ހަތަރުވަނަ މަހުން ފެށިގެން ހަވަނަ މަހުގެ ނިޔަލަށް ކުރިއަށްދާ ފިޔަވައްސެވެ. މި މުއްދަތުގައި ކުލި ނެގޭނެކަމަށް ބުނެފައިވެއެވެ .އަދި ކުލީގެ ގޮތުގައި ނެގިގެންދާނީ ކޮންމެ ސްލޮޓަކުން މަހަކު 800 ރުފިޔާ ކަމަށާއި މިއީ ސްލޮޓް ލިބިފައިވާ ތިން ދަނޑުވެރިންގެ ހިސާއާއެކު ކޮންމެ މަހަކު ދައްކަންޖެހޭ ކުލީގެ އަދަދެއްކަމުގައި ބުނެފައިވެއެވެ.
ހަތަރުވަނަ ފިޔަވައްސަކީ ހަވަނަ މަސް ނިމުމުން މަޝްރޫޢު އެއްކޮށް ތަންފީޒުކޮށް، ވިޔަފާރި އުސޫލުން މަސައްކަތް އިންތިޒާމު ކުރެވިގެންދާނެ ފިޔަވަހިކަމުގައި ބުނެފައިވެއެވެ. އަދި ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ބައިވެރިންވާނީ ކަނޑައެޅިފައިވާ ތަމްރީނުތައް ފުރިހަމަކޮށް، ވިޔަފާރިއަށް އަހުލުވެރިވެފައި ކަމަށާއި ހަތްވަނަ މަހުން ފެށިގެންވެސް ކޮންމެ ސްލޮޓަކުން 800 ރުފިޔާ ކުލީގެ ގޮތުގައި ނެގިގެންދާނެކަމުގައިވެސް ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ސްލޮޓް ފޯރުކޮށްދިނުމުގެ އިތުރަށް އެ ސަރަހައްދު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ގަސްކާނާއާއި ދަނޑުވެރިކަމަށް ބޭނުންވާ މިފަދަ އާލާތްތައް ފަސޭހައިން ލިބޭނެ ފިހާރައަކާއި "ސީޑް ކިންކުބޭޓަރ ޝެޑް" އަކާއި، އާންމު ފާޚާނާބަރިއަކާއި، 12 ސްލޮޓް ހިމެނޭ "ޓޫލް ޝެޑް" އެއްގެ އިތުރުން ކުދި ޕާކް (ޕޮކެޓް ޕާކް) ހިމެނޭހެން ސެކިއުރިޓީ ޕޯސްޓަކާވެސް އެކުގައެވެ. މި މަޝްރޫޢު މުޅިން ތަރައްޤީކޮށް ނިންމުމަށް ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ ސަރަހައްދެއް ތަރައްޤީކުރުމަށް ރޭވިފައިވާކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. އަދި އެ ސަރަހައްދު ތަރައްޤީކުރުމުގައި ޒީނަތްތެރިކުރުމަށް ފެންގަނޑަކާއި މީހުން އެތަނުގައި މަޑުކޮށްލައިގެން ތިބޭނެ އިންތިޒާމުގެ އިތުރުން އިޝްތިހާރު ކުރުމަށް ޚާއްޞަ ކުރެވިފައިވާ ލެޑް ސްކްރީނެއް ހިމެނިގެންދާނެކަމަށް ބުނެފައިވެއެވެ.
މި މަޝްރޫޢު ފަށައިގަތުމުގައި ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ބައިވެރިންނަށް އެކިއެކި ސަބްސިޑީތައް ދިނުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ހަ މަސްދުވަހަށްވާވަރަށް 25 ކިލޯގެ 50 ބަސްތާ ގަސްކާނާ ކޮންމެ ސްލޮޓަކަށް ދެވޭނެކަމަށާއި އަދި ފެނުގެ ޚަރަދަށް ހޭދަކުރުމަށް ފުރަތަމަ ތިންމަސްދުވަހު ކޮންމެ މަހަކު ސްލޮޓަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭންވެސް ނިންމާފައިވެއެވެ.
އެޗްޑީސީއިން އިތުރަށް ބުނެފައިވާގޮތުގައި ފޯމު ހުށަހަޅާ ގްރޫޕްތަކުން މެންބަރުންގެ ތެރޭގައި ދެ ޒުވާނަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ހިމަނަންވާނެއެވެ. އެގޮތުން ޒުވާނުންގެ ގޮތުގައި ބެލިގެންދާނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތައް ކަމަށާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އުމުރުފުރައެއް ކަނޑައެޅިފައިނުވާނެކަމަށް ބުނެފައިވެއެވެ.
ފަސް އަހަރުގެ މުއްދަތަށް ހިންގޭ މި މަޝްރޫޢުގެ ފުރަތަމަ ތިން އަހަރަށްފަހު ޕްލޮޓްގެ ކުލި 20 އިންސައްތަ އިތުރު ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި މިއީ ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްގެންދެވޭ މަޝްރޫޢެއްކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް