ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
"މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށާއި އަދި ދެކުނުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ބުނެއެވެ.
ރާޅުގެ އުސްމިނަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާއި ދެމެދުގައި ކަމަށާއި އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުން ބުނެއެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް