އެތެރޭގެ އުދުހުންތަކުގަިއ ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރާ އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރަން ފަށައިފި އެވެ. އެމްއޭސީއެލްއިން ބުނީ އެގޮތަށް އަމަލު ކުރަން ފެށީ ނޭޝަނަލް ސެންޓާ ފޯ އިންފ...

29 May 2023 | 13:48

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރާ އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރަން ފަށައިފި އެވެ.

އެމްއޭސީއެލްއިން ބުނީ އެގޮތަށް އަމަލު ކުރަން ފެށީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން ކަމަށެވެ. އެ ލިޔުން ޑިފެންސް މިނިސްޓްރީގެ ސާކިއުލާއަކުން ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތަކުގެ ތެރޭގައި މިހާރު ހިމަނާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު އެއާލައިން ޓިކެޓް ގަތުމަށާއި، އެއާލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގެންނާނެ ކަމަށެވެ.

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ބުނީ ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެމްއޭސީއެލް އިން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމީ 2021 ވަނަ ފެބްރުއަރީ މަހު އެވެ. މިހާރު ވަނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާ ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް