މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުން މަޑު ޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކުރަން އިލެކްޝަންސް ކޮމިޝަަނުން ނިންމައިފި އެވެ.
އީސީން އެމްއާރުއެމް އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގައި ތިބެން ގާނޫނު ލާޒިމް ކުރާ އަދަދަށް މެމްބަރުން ހަމަ ކުރަން ދިން ދެ ފުރުސަތުގައިވެސް އެ އަދަދަށް މީހުން ހަމަ ކުރެވިފައި ނުވާތީ އެވެ.
މި މައްސަލައިގަ އެމްއާރުއެމްއިން އެދިގެން ސިވިލް ކޯޓުން ނިންމުން މަޑު ޖައްސައިލަން އަމުރު ނެރުނީ ރޭގެ ވަގުތެއްގައި އެވެ. އަމުރު ނެރުނީ30 ދުވަހުގެ މުއްދަތަށެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރުއެމް އުވާލުން މަޑުޖައްސާލުމާ ގުޅޭގޮތުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، ކޯޓަށް ހުށަހަޅާނެ ދުވަހެއް އަދި ނޭނގެ އެވެ.
ވަގުތީ އަމަރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގުމަށް އެންގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.
މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް