ނައީމާގެ މަރު: މާލެއިން ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް

ނ. މަނަދޫ ނައިމާ މޫސާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ތިން ވަނަ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. ނައީމާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ އިރު އޮއްސެނިކޮށް އޭނާ ދިރި...

29 May 2023 | 10:19

ނ. މަނަދޫ ނައިމާ މޫސާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ތިން ވަނަ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ނައީމާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ އިރު އޮއްސެނިކޮށް އޭނާ ދިރިއުޅޭ ގޭ ކޮޓަރި ތެރޭގައި އެވެ. ގިނަ ޒަހަމްތަކާއި އެކު ލެއިން ތަތްތެޅިފައި އޮތް ނައީމާގެ ހަށިގަނޑު ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުންނެވެ.

ފުލުހުން މި މައްސަލައިގަ ތިން ވަނަ މީހާ ހައްޔަރު ކުރީ މާލެއިން ރޭގެ ވަގުތެއްގައި އެވެ. އުމުރުން21 އަހަރުގެ އެ ޒުވާނާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް30 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހައްޔަރު ކުރި މީހާއަކީ ނައީމާ މަރާލިރޭ އެ މައްސަލައިގަ ހައްޔަރު ކުރި މީހުން ދުއްވި ކާރުގެ ވެރި މީހާ އެވެ. އޭނާވެސް ހާދިސާ ހިނގި އިރު މަނަދޫގައި ހުުރި ނަމަވެސް ރޭ ހައްޔަރު ކުރި މީހާ އާއި ނައީމާގެ މަރާއި ހުރި ގުޅުން އަދި ސާފެއް ނުވެ އެވެ.

މި މައްސަލައިގަ ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ23 އަހަރާއި20 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އަދި ފުލުހުން ވަނީ ނައީމާ މަރާލަން ބޭނުން ކުރި ދެ ވަޅި އާއި އެމީހުން އެރޭ ލައިގެން ތިބި ހެދުންތައް އަންދާލި ތަނާއި ތަކެތި ވަލުތެރެއިން

ހޯދާފައި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މީގެ ތެރެއިން އެކަކު ވަނީ ކޯޓުގައި ނައީމާ މަރާލި ކަމަށް އެއްބަސްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް