އީވާ، ޝާހިދު އަދި ރިފްއަތު ވަކިކުރުމުގެ މައްސަލައިގަ އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެ...

29 May 2023 | 09:26

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ އެމްޑީޕީ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

އީވާ ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އެމްޑީޕީންނެވެ. ޝާހިދާއި ބަންޑާރަ ނައިބު ވަކި ކުރުމުގެ މައްސަލަ ވެއްދީ ކަނޑު ވިއްކުމާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީޑިއާގައި ވިދާޅުވީ އެމްޑީޕީން ތްރީލައިން ވިޕް ނެރުނީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށެވެ. އަދި ދެ ވަޒީރުން ވަކިކުރިޔަ ނުދޭން އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ، މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ ތެރެއިން އަންނަ ބުދަ ދުވަހަށް ތާވަލު ކޮށްފައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. ޝާހިދުގެ މައްސަލަ ޖޫން ހަ ވަނަ ދުވަހަށް ތާވަލު ކޮށްފައިވާއިރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ11 ވަނަ ދުވަހަށެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި، ޕީޕީއެމް/ ޕީއެންސީގެ އަށް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްއެންޕީގެ ތިން މެންބަރުން ތިއްބަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް