ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފާޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުންކަމުގައެވެ.
ރައީސް ވިދާޅުވީ މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައެވެ.
ސަރުކާރުން ތަޢާރަފު ކުރަން ތައްޔާރަވަމުން އަންނަ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ.
އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ވެސް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ މި ފާޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބި ދަރިމައި ނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައްލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް