ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ފަށައިފި އެވެ.
އެ ހޮސްޕިޓަލްގައި އޮތް ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިހާތަނަށް ދިވެހިން އައިވީއެފްގެ ހިދުމަތް ހޯދަމުން އައީ ރާއްޖެއިން ބޭރުންނެވެ. އެންމެ ގިނަ މީހުން އައިވީއެފް މެދުވެރިކޮށް ދަރިން ހޯދާފައިވަނީ އިންޑިއާއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ. ރާއްޖޭގައި އެ ފަރުވާ ލިބޭ ނަމަ، ވަޒީފާ އަދާކުރަމުން އަދި އާއިލާ ކައިރީގައި ތިބެގެން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އައިވީއެފް ހަދަން ޓްރީ ޓޮޕުން ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. މި ހިދުމަތް އެ ހޮސްޕިޓަލުން ދެނީ ބުރަކަށް46،000 ރުފިޔާ އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި ހިދުމަތް ފެށުމަށް މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީންކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް