ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެ އެވެ.
މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއު ނިމޭއިރު 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް