ނޭޕާލްގައި 22 މީހުންނާއި އެކު ފުރި ކުޑަ މަތިންދާ ބޯޓެއް ގެއްލިއްޖެ

ނޭޕާލްގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ކުޑަ މަތިންދާ ބޯޓެއް 22 މީހުންނާއި އެކު ގެއްލިއްޖެ އެވެ. އެ މަތިންދާބޯޓު ގެއްލިފައިވަނީ އެ ގައުމުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޕޮކްހަރާއިން ޓޫރިސްޓުންގެ ...

29 May 2022 | 11:06

ނޭޕާލްގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ކުޑަ މަތިންދާ ބޯޓެއް 22 މީހުންނާއި އެކު ގެއްލިއްޖެ އެވެ.

އެ މަތިންދާބޯޓު ގެއްލިފައިވަނީ އެ ގައުމުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޕޮކްހަރާއިން ޓޫރިސްޓުންގެ މެދުގައި މަގުބޫލް ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޖޮމްސޮމްއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ނޭޕާލް ސަރުކާރުން ބުނީ 15 މިނެޓުގެ ދަތުރަށް ތާރާ އެއާލައިންގެ އެ މަތިންދާ ބޯޓު ނައްޓާލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ގުޅުން ކެނޑިފައިވާ ކަމަށެވެ.

އެ ބޯޓު ހޯދުމަށް ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުން މަސައްކަތް ކުރަމުންދާއިރު އެއްގަމު މަގުންވެސް އެ ބޯޓު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ފްލެޓު ގެއްލިފައި މިވަނީ އެ ގައުމުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްކޮޅެއްގައި އެވެ.

ޖައްވު ނުސާފުވުމުގެ ސަބަބުން ދުރު ފެނުން ދަތިވެފައިވާތީ މަތިންދާ ބޯޓު ހޯދުމަށް ބޮޑު ހުރަސްތަކެއް ދަނީ ކުރަމަތިވަމުންނެވެ.

ބޯޓު ގެއްލުނު އިރު އޭގައި ތިބި 22 މީހުންގެ ތެރެއިން 19 މީހުންނަކީ ފަސިންޖަރުންނެވެ. އަނެއް ތިން މީހުންނަކީ ކްރޫއިންނެވެ. ދަތުރު ކުރި ފަސިންޖަރުންގެ ތެރެއިން ހަ މީހުންނަކީ ޓޫރިސްޓުންނެވެ.

2016 ވަނަ އަހަރުވެސް ތާރާ އެއާލައިންގެ މަތިންދާ ބޯޓެއް ޕޮކްހަރާއިން ޖޮމްސޮމްއަށް ދަނިކޮށް ވެއްޓިފައިވެ އެވެ. އެ ހާދިސާގައި 23 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް