އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ޤާއިމުކުރަން ކުރެވޭ މަސައްކަތަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޑިޕްލޮމަޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމުކުރުމަށް އިންޑިޔާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް އެ ކޯލިޝަނަށް ޤަބޫލުކުރެވޭ ކަމަށެވެ.
އާއްމުގޮތެއްގައި ބޭރުގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް ގައުމުތަކުގެ ސަރުކާރުން ކުރަމުންގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެޤައުމުގެ ދެމެދުގައި ކުރެވޭކަމަށެވެ.
އަދި ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމުގެ ސަބަބުތަކުގެ ތެރޭގައި، އެ އޮފީހެއް ނިސްބަތްވާ ޤައުމެއްގެ ރައްޔިތުން ގިނަ އަދަދަކަށް އޮފީސް ޤާއިމުކުރެވޭ ސަރަހައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ދަތިކަން ކުރިމަތިވުން އެއީ މައިގަނޑު އެއް ސަބަބު ކަމުގައި ބެލެވޭކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
އެހެންކަމަށް ވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމުކުރެވިފައިވާ އިންޑިޔާގެ ހައިކޮމިޝަންގެ އިތުރުން، އިތުރު އެހެން ސަރަހައްދެއްގައި އެ ޤައުމުގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ހުންނަންޖެހޭކަމުގެ އެއްވެސް ސަބަބެއް ނެތްކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.
މިފަދަ ޙައްސާސް ދަނޑިވަޅެއްގައި އެފަދަ އޮފީހެއް އައްޑޫގައި ޤާއިމުކުރުމަށް އިންޑިޔާ ސަރުކާރުން ޢަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވާކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އޭގެ އިތުރުން އެ ކޯލިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، އެފަދަ ނިންމުމެއް ނިންމަންވާނީ އެފަދަ ހުށަހެޅުމެއް ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ދިވެހި ސަރުކާރުން ފެނިއްޖެ ހިނދެއްގައި، ލިޔެވި ގެެޒެޓްކުރެވިގެން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން އައްޑޫގައި ކޮންސިއުލޭޓެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ތަފުސީލުކޮށް ރައްޔިތުންނަށް ކިޔައިދިނުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް