ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް ސްޓެލްކޯގެ ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކަށް ޑިސްކައުންޓު ދޭން އެ ކުންފުނިން ނިންމައިފިއެވެ.
އެގޮތުން
އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ، މި މަހުގެ އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 އިންސައްތަ އާއި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުން 30 އިންސައްތް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.
ބިލުން ޑިސްކައުންޓް ލިބިފައިވާ މިންވަރު ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެސްއެމްއެސްގެ ގޮތުގައި ބިލު ފޯނަށް ލިބޭއިރު، ބިލު ބަލައިލެވޭ ގޮތަށް ލިންކެއް ހިމަނާފައިވާ ކަމަށާއި އެ ލިންކުން ވެސް ޑިސްކައުންޓް އަދަދު ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮވިޑް19ގެ ހާލަތު މިވަގުތު ހުރި ގޮތުން އެކުންފުނީގެ ބިލިން ކައުންޓަރުތައް ބަންދުކޮށްފައިވާތީ ބިލު ދައްކާ ފަރާތްތަކުން އެކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފައި ވެއެވެ.
ފެނާއި ކަރަންޓުން ސަބްސިޑީ ދޭން ރައީސް ވަނީ މި ހަފްތާތެރޭގައި އިއުލާނުކޮށްފައެވެ.
މި މަހުގެ 25 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ބިލުން 40 ޕަސެންޓު ސަބްސިޑީ ދޭން ކަމަށެވެ. އަދި ވިޔަފާރިތަކުގެ ކަރަންޓު ބިލުތަކަށް 20 ޕަސެންޓު ސަބްސިދީ ދޭން ކަމަށެވެ.
ރައީސް ވިދާޅުވީ ފެނާއި ކަރަންޓުން ސަބްސިޑީ ދޭން ނިންމީ ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެކަމަށް ލުއި ހޯދައިދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް