އިސްރާއިލުން ފަލަސްޠީނުގައި ގެންގުޅޭ 'ޑިފެކްޓޯ އެނެކްސޭޝަން' ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް އަޔަލޭންޑުން ތެދުވެއްޖެ

އިސްރާއީލުން ގަދަ ކަމުން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެފައި ވާތީ، އިސްރާއީލުގެ 'ޑިފެކްޓޯ އެނެކްސޭޝަން' ކުށްވެރި ކޮށް އަޔަލޭންޑުގެ ޤާނޫނު ހަދާ މަޖިލީހުން މޯޝަންއެއް ފާސް ކޮށްފިއެވެ. މިއީ، ޔޫރަޕުގެ ...

29 May 2021 | 11:04

އިސްރާއީލުން ގަދަ ކަމުން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެފައި ވާތީ، އިސްރާއީލުގެ 'ޑިފެކްޓޯ އެނެކްސޭޝަން' ކުށްވެރި ކޮށް އަޔަލޭންޑުގެ ޤާނޫނު ހަދާ މަޖިލީހުން މޯޝަންއެއް ފާސް ކޮށްފިއެވެ. މިއީ، ޔޫރަޕުގެ އިއްތިހާދުގެ ޤައުމަކުން އިސްރާއީލާއި ދެކޮޅަށް މިފަދަ މޯޝަންއެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

' ޑިފެކްޓޯ އެނެކްސޭޝަން' އަކީ، އެއް ޤައުމަކުން އެހެން ޤައުމަކަށް، ނުވަތަ ޤައުމެއްގެ ސަރަޙައްދަކަށް ގަދަ ކަމުން އަރައިގަތުމަށް ފަހު، ގަދަ ކަމުން އަރައިގަތް ސަރަޙައްދަކީ އިސްތިޢުމާރު ކުރި ޤައުމުގެ ބައެއް ކަމުގައި ނިންމުމަށް ބޭނުން ކުރާ ސިޔާސީ އިލްމީ ނަމެެވެ.އިސްރާއީލުން ފަލަސްޠީނުގެ ބޮޑު ސަރަޙައްދަކަށް ވެރިވެ ގަނެ، ކަން ކުރަމުން އަންނަނީ މި އުސޫލުންނެވެ.އެ ގޮތުން، އެ ސަރަޙައްދުތަކަށް ނިސްބަތްވާ ފަލަސްޠީނު ރައްޔިތުން އިސްރާއީލުގެ ޤާނޫނުތަކަށް ގަދަ ކަމުން ތަބާ ކުރުވުމާއި، ވަޒަންވެރީންގެ އަތުން އެ މީހުންގެ ގެތައް އަތުލުމާއި، ބޭރު އެހެނިހެން ޤައުމުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެނބުރި ޤައުމަށް އައުމަށް ބޭނުންވާ ނަމަ، އިސްރާއީލުގެ ސަރުކާރުން ހުއްދަ ނަގަން ޖެހުން ފަދަ ކަންކަން ފާހަގަ ކޮށްލެވެއެވެ.އަދި ފަަލަސްޠީނަށް ދޭ ލާއިންސާނީ ހަމަލާތަކަށް ފަހު،އިސްރާއީލުން ދިފާއުގައި އަމިއްލަ ބިން ހިމާޔަތް ކުރަނީ ކަމަށް ބުނާ ބުނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.މިކަމާއި ދެކޮޅަށް އަޑު އުފުލާ، މި ދިޔަ ހަފްތާ ތެރޭގައި އަޔަރލޭންޑުގެ ޤާނޫނު ހަދާ މަޖިލީހަށް މޯޝަން ހުށަހަޅާފައި ވަނީ، މަޖިލީސް މެންބަރެއް ކަމަށްވާ ސިން ފެއިންއެވެ.މި ހުށަހެޅުން ފާސް ވުމާއިއެކު، އަޔަލޭންޑުން އިސްނަގައިގެން އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުން ފެއިބުމަށް ގޮވާލާ، ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މިއާއިއެކު، އެ ޤައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު އެނބުރި އިސްރާއީލަށް ފޮނުވާލުމަށާއި، އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް މި ހުށަހެޅުން ޤާނޫނު ހަދާ މަޖިލީހުން ފާހެއް ނުވެއެވެ. މި ހުށަހެޅުމާއި އެއްކޮޅަށް 46 މެންބަރަކު ވޯޓު ދެއްވި އިރު، 87 މެންބަރުން ވަނީ މި ކަމާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މަޖިލީހުގެ މިނިންމުމާއި ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނެއް ކަމަށްވާ ލީއޯ ހައިހާތު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އިސްރާއީލުން އަޔަލޭންޑުގެ މަޖިލީހުގެ މޯޝަން އެއް ގޮތަކަށްވެސް ބަލައި ނުގަންނާނެ ކަމަށެވެ.އަދި ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް 4000 ރޮކެޓު ފޮނުވާލާފައިވާ މި ދަނޑިވަޅުގައި، މިއީ އަޔަލޭންޑުގެ ފަރާތުން ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.މީގެ އިތުރަށް އޭނާ ބުނެފައި ވަނީ، މި ޤަރާރް ފާސް ކޮށްފައި ވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކޮށްފައި ނޫން ކަމަށާއި، އެއްކޮޅަށް ބުރަވެފައިވާ މި ޤަރާރަކީ ފަލަސްޠީނުގެ ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ލިބިގެން ދާނެ ނަސްރެއް ކަމަށެވެ.މީގެ އިތުރުން އޭނާ ބުނީ،މިކަމުގެ ސަބަބުން ބެލެވޭނީ ފަލަސްޠީނާއި އިސްރާއީލުގެ ސުލްޙައިގެ މަޝްވަރާތަކުން އަޔަލޭންޑު އަމިއްލައަށް ދުރުވާން ބޭނުންވާ ކަމަށެވެ.

އަޔަލޭންޑުގެ ސަރުކާރުން ސިން ފެއިންގެ ހުށަހެޅުމަށް ތާއީދު ކޮށްފައި ވަނީ، ސަރުކާރުގެ ވެރިންގެ މެދުގައި އަންގާރަ ދުވަހު ބޭއްވި ބަހުސްތަކަކަށް ފަހުގައެެވެ.މި ބަހުސްގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސައިމަން ކޯވްނީ ވިދާޅުވީ އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ހިންގަމުންދާ ކަންކަމުގެ ޙަޤީޤަތް ޤަބޫލު ކުރަން ޖެހޭ ކަމަށާއި، ޙަޤީޤަތަކީ އިސްރާއީލުން ވަނީ ގަދަ ކަމުން ފަލަސްޠީނުގެ ބިންތަކެއް އަތުލައިގަނެ، އަމިއްލަ ބިންތަކަކަށް ހަދާފައި ކަމަށެވެ.

މީގެ އިތުރުން، އަޔަލޭންޑަކީ އިސްރާއީލުގެ މި އަމަލު ކުށްވެރި ކުރާ ޔޫރަޕުގެ އިއްތިހާދުގެ ފުރަތަމަ ޤައުމުކަމުން، މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް ދެވޭ ރަނގަޅު މެސެެޖެއް ކަމަށްވެސް އަޔަލޭންޑުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އިސްރާއިލުގެ ކުޑަކުދިންތަކަކާއި އާންމުންގެ ތެރެއިން ބަޔަކު ނިޔާވެފައިވާތީ، ހަމާސްގެ ހަމަލާތައްވެސް ވަނީ ކޮވްނީގެ އެދުމުގެ މަތިން، މި މޯޝަންގައި ކުށްވެރި ކޮށްފައެވެ.

އިސްރާއީލުން ފަލަސްޠީނަށް ދިން 11 ދުވަހުގެ ހަމަލާތަކުގައި،ފަލަސްޠީނުގެ 66 ކުޑަކުދިން ހިމެނޭހެން، 254 ރައްޔިތުން ޝަހީދުވެ، 2000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.މި ހަމަލާތަކުގެ ސަބަބުން، އަޔަލޭންޑުގެ ވެރިރަށް، ޑަބްލިންގައިވެސް އެތައް ހާސް ބަޔަކު އިސްރާއީލު ކުށް ވެރިކޮށް، ފަލަސްޠީނުގެ ދިފާއުގައި އަޑު އުފުލާ މުޒާހަރާ ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް