މިދިޔަ ބުދަ ދުވަހުގެ ރޭ ގާޑިޔަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒުވާނަކު މަރުވެފައިވާއިރު އަދި އެ ސައިކަލު ދުއްވަން އިން މީހާ އެ ވަގުތު ސައިކަލު ދޫކޮށްލާ ފިލާފައިވާއިރު ފިލި މީހާ މިހާރު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ މީހާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައިކަމަށާއި މައްސަލައާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
އެ ހާދިސާގައި ދުނިޔެދޫކޮށްފައިވަނީ އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީއެވެ.
އެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއް ފަހުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަ މަންޒަރުތަކުން ބެލެވޭގޮތުގައި މަގުގެ އެއް ފަރާތެއްގައި އޮތް ގާޑިޔަލުގެ މުއްގަނޑު ޔަޒްދާންގެ ކަރަށް ހެރިފައިވެއެވެ. ތެދުވެގެން ތަންކޮޅަކަށް ހިނގި ފަހުން ޔަޒްދާން ވެއްޓެއެވެ. ކައިރީގައި ތިބި މީހުން ޔަޒްދާންގެ ކަރުން އައި ލޭ މަނާކުރަން މަސައްކަތްކުރާ މަންޒަރުވެސް އަދި ފުލުހުންނާއި ސިފައިންވެސް އެ ސަރަހައްދުގައި އުޅޭ މަންޒަރު ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް