ރައީސް ނަޝީދަށް އިލްޒާމު އެޅުވުމަށް މަސައްކަތްކުރުމަކީ ސީދާ ޕްރޮޕަގެންޑާކަމުގައި ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މިހާރު ނޫހުގައި ޝާއިޢުކުރި ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓު ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހައެއް މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، އެމަނިކުފާނުގެ ސިކިޔުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ޙާވާލާދީ “މިހާރު” ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ފަތުރާފައިވަނީ ޕްރޮޕަގެންޑާ ކަމަށެވެ.
"ޕްރޮޕަގެންޑާ ފަތުރާފައިވާތީ، މި ޕާރޓީން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ ޙަމަލަ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށާއި މިގޮތުން އެ ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށެވެ.
"ރައީސް މުޙައްމަދު ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ޙަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާ އެކެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
“މިހާރު” ނޫހުގައި ލިޔެފައިވާ ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާއިރު އަދި އެފަރާތުން “މިހާރު” ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭކަމަށާއި އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރެވޭކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
" މިއީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށް ދެކެމެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ޤައުމީ މަސްލަޙަތާ ގުޅިފައިވާ ސީރިއަސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލައިގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިޙްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް