ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައަޅުއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތުން، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ވަނީ ކަނޑައަޅުއްވާފައެވެ. މިބޭފުޅުން މަސައްކަތްކުރައްވާނީ، ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިނގާނުހިގާ ގޮތް މޮނިޓަރ ކުރެއްވުމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، އިއްޔެ އެކަނިވެސް ކޯވިޑް-19 އަށް 901 މީހުން ޕޮސިޓިވް ވެފައިވެއެވެ.
މިވަގުތު ރާއްޖޭގައި 24،818 މީހުން ކޮވިޑަށް ފަރުވާކުރަމުން ދެއެވެ. އޭގެ ތެރެއިން 252 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 36،862 މީހުންނެވެ.
މިއަދު ކޯވިޑް ޖެހިގެން މިހާތަނަށް ފަސް މީހަކު މަރުވެފައި އެވެ. އަދި މިމަހު ކޯވިޑްގައި މަރުވި އަދަދު 83 އަށް އަރާފައިވާއިރު މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 156 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 61،844 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް