ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ މިރޭގެ ޝަރީއަތުގެ މަޖިލީސް އެމަނިކުފާނުގެ ވަކީލުން ބޮއިކޮޓް ކުރައްވައިފި އެވެ.
އެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިއޮތީ މިރޭ 9:30 ގައި އެވެ.
ޝަރީއަތް ބޮއިކޮޓް ކުރުމަށް ފަހު ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މިރޭގެ ޝަރީއަތް ތާވަލު ކުރީ ތަކުރާރުކޮށް ޝަރީއަތް ނުބޭއްވުމަށް ކޯޓުގައި އެދިފަ ވަނިކޮށް ކަމަށެވެ. އަދި ކޯޓުން އަޑު އެހުންތައް ބޭއްވުމުގައި މައުމޫންގެ ސިއްހީ ހާލުކޮޅަށް ރިޔާއަތް ނުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް، މިހާރު މައްސަލަ ހަވާލުކޮށްފައި ވާނީ ގާޒީ ހަސަން ނަޖީބަށް ކަމަށާއި އެކަން ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަކާއި ކޯޓުތަކުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައި ވަކީލުން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، މައުމޫންގެ ފަރާތުން 12 ކަމެއް ޝަރީއަތަށް ހުށަހެޅުމުން އެންމެ ތިން މިނެޓެއްހާއިރަށް ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ޝަރީއަތް ފެށުމުން، ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދައިން، ހުށަހެޅުންތައް އެކަށީގެންވާ މިންވަރަށް ވަޒަން ނުކުރައްވާކަން އެނގޭ ކަމަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ވެސް އެކަށީގެންވާ ވަރަށް ނުބައްލަވާ ކަމަށް ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.
މައުމޫންގެ ވަކީލުން ޝަރީއަތް ބޮއިކޮޓް ކުރި ނަމަވެސް މިރޭގެ އަޑުއެހުން ވަނީ ކުރިޔަށް ގެންގޮސްފައި އެވެ
ހަމަ މި ދައުވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށްވެސް އުފުލާފައިވެ އެވެ. ވަކިވަކިން ކުރިޔަށް ގެންދާ އަޑު އެހުންތަކުގެ ތެރެއިން ފަނޑިޔާރުންގެ އަޑު އެހުންތަކުގައި ވަކީލުން ބައިވެރިވެފައިވެ އެވެ.
މި ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް