އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ހަލުވި ކަމާއި އެކު ފެތުރެމުންދާތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މާލޭގައި މިހާރު އިންފްލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މާލޭގައި އިންފްލުއެންޒާ ވެކްސިން ޖަހައި ދެނީ އައިޖީއެމްއެޗު، ދަމަނަވެއްޓާއި އޭޑީކޭ ހޮސްޕިޓަލް އާއި ސެނަހިޔާ އަދި ހުޅުމާލެ ހޮސްޕިޓަލުންނެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އައިޖީއެމްއެޗާއި އޭޑީކޭ އިން ވެކްސިން ޖަހާނީ އެ ހޮސްޕިޓަލްތަކުން ކަނޑައަޅާ ގަޑިތަކެއްގައި އެވެ. ދަމަނަވެށީގައި ހެނދުނު 10:15 އިން މެންދުރު 1:30 އަށް ވެކްސިން ޖަހައިދޭއިރު، ރޭގަނޑު 9:00-10:00 އަށް ވެކްސިން ޖަހައިދެނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.
ސެނަހިޔާގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00 މެންދުރު ފަހު 2:00 އަށް އަދި ރޭގަނޑު 8:00-12:00 އަށް ވެކްސިން ޖަހައިދޭނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ، އާދީއްތަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 12:00- 1:30 އަށެވެ.
އެޗްޕީއޭއިން ބުނީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ބަލި ޖެހުމުން ނުރައްކާވެދާނެ މީހުން ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރި އިރު އެ އޮތޯރިޓީން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން ހުމާއި އަރިދަފުސް ރޯގާ ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން 69 ޕަސެންޓު މީހުން ވަނީ އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް