އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މިރޭ ބާއްވަން ތާވަލު ކޮށްފި އެވެ.
އެ ބޭފުޅުންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.
މައްސަލަ ތާވަލު ކޮށްފައިވަނީ މިރޭ 9:30 އަށެވެ. މި ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި ދައުވާގެ އިތުރުން އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުންކުރަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ.
މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް