ދީނީ ނަސާހަތް ދިނުމާއި ތަފާތު ދީނީ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ދީނީ ނަސޭހަތް ދިނުން މަނާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒައިދާ ގުޅޭ މައްސަލަތަކެއް ބަލަމުން ދާތީ، ދީނީ ނަސޭހަތާއި ދަރުސް ދެއްވުމަށް އޭނާ އަށް ދެއްވާފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލު ކޮށްފައިވާ ކަމަށެވެ. އެކަމަކު ޝެއިހް ޒައިދު އާއި ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލަތަކެއް ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.
އެކަމާ ގުޅޭގޮތުން ޝެއިހް އެއްވެއް ވިދާޅުވެފައި ނުވިނަމަވެސް އެ ފިޔަވަޅު އަޅަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ހާމަކުރައްވާފައި އެވެ. އެ ދުވަހު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން "ކޮންމެވެސް ކަމެއް" ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި "މިކަމުގައި އުޅޭ މީހުން، ﷲ އަށް ބިރުވެތިވުމަށެ"ވެ.
އޭނާގެ ހުއްދަ ބާތިލް ކޮށްފައި މިވަނީ މިމަހު ތެރޭގައި އަތޮޅު ތެރޭގެ ރަށެއްގައި ދީނީ ވޯކްޝޮޕެއް ބޭއްވުމަށް ސްކޫލް ހޯލު ނުދިން މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީއަށް ޝެއިހް ޒައިދު ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ހާއްސަކޮށް، އަމިއްލަ ޖަމިއްޔާތަކުން ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ސްކޫލްތަކުގެ ހޯލްތައް ދޫ ނުކުރާ ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވި އިރު، އެޑިއުކޭޝަން މިނިސްޓްރީގައި "ލާދީނީ" މީހަކު ހުރި ނަމަ އެތަން އަވަހަށް ސާފު ކުރެއްވުމަށް ވެސް ވިދާޅުވެފައި ވެ އެވެ.
ފަހަކަށް އައިސް ޒައިދު ގެންދަވަނީ ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބައެއް ނިންމުންތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް