ޓެރަރިޒަމްގެ ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އެދިވަޑައިގެންފި އެވެ.
އަދީބުގެ ސިއްހީ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންދާ ކަމަށާއި އެގޮތުން އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ އިރު، ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލުކޯމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ބުނެ ސިރާޖު ވަނީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފަށާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް ސިޓީއެއް ފޮނުވާފައެވެ.
ހުކުމް ކޮށްފައިވާ ފަރާތްތަކަށް ރަމަޟާން މަހުގައި ސަރުކާރުން ލުއި ދެއްވަމުން އަންނަ އިރު އޭގެ ތެރޭގައި ގައިދީން ހިމެނޭ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. "އަޅުގަނޑުގެ މުވައްކިލުގެ ސިއްހަތު ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާތީ ސަރުކާރުން ރަމަޟާން މަހަށް ގައިދީންނަށް ދެމުން ގެންދާ ލުއި އަޅުގަނޑުގެ މުވައްކިލަށް ވެސް ހަމަޖައްސާ ދެއްވުން އެދެމެވެ" އެ ސިޓީގައި އިތުރަށް އެދިފައިވެއެވެ.
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަށް އަދީބުގެ އާއިލާއިންވެސް ވަނީ އެދިފައެވެ. އަދި އާއިލާގެ ހަވާލުގައި އަދީބުއަށް ބޭސްފަރުވާއަށް ދެވޭނެ އިންތިޒާމު، ހަމަޖައްސައިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް އަށް އަދީބުގެ ގާނޫނީ ޓީމުން ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އަދީބަކީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ބޭސް ފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދައަށް އެދެންޖެހޭނީ ކަރެކްޝަނަލް ސާވިސްގައި ކަމަށެވެ. ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިރޭ މީޑިއާގައި ވިދާޅުވެފައިވަނީ އަދީބު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ރަމަޟާން މަހާ ދިމާކޮށް ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް