ގަމު ރީޖަނަލް ހޮސްޕިޓަލުގައި އާރުއޯ ޕްލާންޓެއް ބަހައްޓަނީ

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާހަކު 20 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައ...

29 May 2017 | 18:12

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާހަކު 20 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. 1.9 މިލިއަން ރުފިޔާގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ފެން ޕްލާންޓް ބަހައްޓާ ޕްލާންޓަށް ބޭނުންވާ ފެން ބިމުގެ އަޑިން ނެގުމަށް 40 މީޓަރުގެ ފުންމިނުގައި ބޯހޯލެއް ތޮރުފާނެއެވެ. އަދި ބްރައިން ވޯޓާ ޑިސްޗާޖް ޕައިލް ލައިނެއް އެޅުމަށްފަހު އެންވަޔަރަންމަންޓް އިޕްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ޑަޔަލިސިސް ހިދުމަތް ދެމުންދާއިރު، އެ ހިދުމަތަށް ބޭނުންވާ ޑީސެލިނޭޓެޑް ފެން ހޯދަން ޖެހެނީ މާންދޫ މަސްފެކްޓަރީން ގަނެގެން ކަމަށެވެ.

ހަމައެކަނި ޑަޔަލިސިސް ހެދުމަށް ބޭނުންވާ ފެން ގަތުމަށް ކޮންމެ މަހަކު ގާތްގަނޑަކަށް 15000 ރުފިޔާ ހަރަދުވާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފެން ޕްލާންޓެއް ބެހެއްޓުމުގެ އިތުރުން އެ ހޮސްޕިޓަލުގައި ޕްލާންޓް ހައުސްއެއް އެޅުމަށް ރައިޒާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވެސް މިއަދު ވަނީ ހަވާލުކޮށްފައެވެ. މިއަދުން ފެށިގެން 80 ދުވަސްތެރޭގައި ނިންމުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާއިރު، 1،417،506.16 ރުފިޔާ އެ މަސައްކަތަށް ދޭންވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް