ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓު މީހުން ރޯދަ ނުހިފާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދިނުގެ ރުކުންތަކަށް އަމަލުކޮށް އެކަން ދަމަހައްޓާ ބައެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި 70 އިންސައްތަ މީހުން ރޯދަ ނުހިފައި، ރޯދަމަހު ދުވާލުގައި ކައްކައިގެން ކައިހަދާ ރަށެއް އޮތް ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވުމާއި ގުޅިގެންނެވެ. ޝެއިހް ޒައިދު އެހެން ވިދާޅުވެފައިވަނީ އިއްޔެ އަސުރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސެއްގައެވެ.
އެ މަޢުލޫމާތަކީ މީހެއްގެ ފަރާތުން ލިބުނު މަޢުލޫމާތު ކަމަށް ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ. މިއަދު މީޑިއާގައި ޝެއިހް ޒައިދު ވިދާޅުވީ އޭނާއަށް މައުލޫމާތު ދީފައިވަނީ ދޮގު ނުހަދާނެ ވަރުގެ މީހަކު ކަމަށެވެ.
ޝެއިހް ޒައިދުގެ ދަރުސްގައި ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްކޮށް މި ވާހަކަ ދައްކާފައިވާއިރު، އެއީ ސީދާ ކޮން ރަށެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޝެއިހް އެހެން ވިދާޅުވުމުން އިސްލާމިކް މިނިސްޓްރީން އަންނަނީ އެއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް