އަދާލަތު ޕާޓީއިން ވަކިވުމަށް ވިސްނަމުންދާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ޕާޓީން ވަކިވުމުގެ ވިސްނުން ގެންގުޅޭއިރު ބޮޑަށް ބުރަވެވެނީވެސް އެގޮތަށް ކަމަށެވެ. ޝަހީމް ވިދާޅުވެފައިވަނީ އެގޮތަށް ނިންމިކަމުގައި ވިޔަސް އަދާލަތު ޕާޓީގައި އޭނާ އާއި ހިޔާލުތަފާތުވެފައި ތިއްބެވި ބޭފުޅުންނަށް ބަރު ބަހެއް ނުބުނާނެ ކަމަށާއި އެދެނީ އެ ބޭފުޅުންވެސް ހެޔޮ ދުއާ ކޮށްދިނުން ކަމަށް ވިދާޅުވެފައިވެ އެވެ.
ޑރ ޝަހީމް ވިދާޅުވީ ސިޔާސީ މަޝްރަހުގައި އެކަށީގެންވާ ވަރަށް ދީނީ އިލްމުވެރިން އެބަތިއްބެވި ކަމަށާއި އެހެން ދާއިރާތަކުގައިވެސް އެކަށީގެންވާ ވަރަށް ދީނީ އިލްމުވެރިންނަށް މަސައްކަތް ކުރެވެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މުސްތަގުބަލުގައި މަަސައްކަތް ކުރާނީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް އިސްލާމީ، ތައުލީމީ، އިންސާނީ އަދި އިޖުތިމާއީ މަސައްކަތުގެ ތެރެއަށް ދިއުމަށް ކަމަށެވެ.
“އަދާލަތު ޕާޓީއަކީ އަޅުގަނޑު ވަރަށް ލޯބިވާ ޕާޓީއެއް، އަދާލަތު ޕާޓީ ދޫކޮށްލާފައި ދިޔަޔަސް، އަދާލަތު ޕާޓީގެ އާންމު މެންބަރުން ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ، ޕާޓީ ދެކެ ވެސް ލޯބިވޭ، އަދާލަތު ޕާޓީގައި ވަނީ އަޅުގަނޑުގެ އެންމެ ގާތް އަޙުން، އެކުވެރިން، އެންމެ ލޯބިވާ އެކުވެރިން، ދުވަހަކުވެސް އެބޭފުޅުންނަށް ދެރައެއް ލިބެން ނޭދެން.” ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ހިޔާލު ތަފާތުވި ނަމަވެސް އިމްރާންއަކީ ވަރަށް ގިނަ ދުވަސްވީ އެކުވެރިއެއް ކަމަށާއި އިމްރާންއަށް ގަދަރުކުރާ ކަމަށެވެ. އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ފަދަ ބޭފުޅުންނަކީ ވަރަށް ލޯބިވާ ބޭފުޅުން ކަމަށާއި އިސްލާމީ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އޮންނާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި ފަހުން ޝަހީމް ވަނީ ޖޫން މަހު ކުއްލިޔާގައި ފަށާ ކޯހެއްގައި ކިޔަވައިދިނުމަށް ނިންމާފަވާކަމަށް ވިދާޅުވެފައި އެވެ. އަދި އިއްޔެ ވަނީ ކުރިޔަށް އޮތް ރޯދަ މަހު އިމާމްވެ ތަރާވީސް ކުރަން ބޭނުންވާތީ އެކަމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ސިޓީ ލާފައި ކަމަށް ވިދާޅުވެފަ އެވެ.
ޝަހީމް އަދާލަތު ޕާޓިން ވަކިވުމަށް ނިންމަވާފައިވާއިރު އޭނާއަކީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި އެއީ އެޕާޓީގެ އިލްމުވެރިންގެ މަޖިލީހާއި މަޝްވަރާ މެންބަރެއްގެ އިތުރުން ޙާރިޖީ ކަންކަމާއި ބެހޭ ކޮމިޓީގެ ރައީސްއެވެ.
ޝަހީމް އާއި އަދާލަތު ޕާޓީގެ ބައެއް ވެރިންގެ މެދުގައި ހިޔާލު ތަފާތުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ. އެ މައްސަލަ ގަނޑުގައި އުޅެނިކޮށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓަރު ކަމުން ޑރ ޝަހީމް އިސްތިއުފާދެއްވީ މިމަހުގެ ފަސް ވަނަ ދވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް