ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް، މުސްލިމް ގައުމުތަކަށް ރާއްޖެއިން ގޮވާލައިފި އެވެ.
އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 42 ވަނަ ސެޝަންގަ ވާހަކަ ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ރަހުމް ކުރަން ކުރަން ޖެހޭ ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ރޯހިންޔާ މުސްލިމުންނަށް ރަޙުމްކޮށް، އޯގާތެރިކަން ދައްކަން ޖެހޭ ކަމަށެވެ.
މިޔަންމާގެ ބުދިސްޓުންގެ އުނދަގުލާއި ހެދި އެގައުމު ދޫކޮށް އެކި ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދޭތެރޭ ދިވެހި ސަރުކާރުގެ ވިސްނުން ހުރި ގޮތް ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.
އެ ދަރިކޮޅުގެ މީހުންނަށް އިންޑޮނޭޝިއާއިންނާއި މެލޭޝިއާއިން މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.
އެ ސެޝަންގައި މިނިސްޓަރު ދުންޔާ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ހާލަތާއި މެދު ސަރުކާރުން ކަންބޮޑުވާކަމަށެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލް ރައްޔިތުން ވަޒަންވެރި ކުރުވުމަކީ ސަރުކާރުން ބަލައިގެންނަ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
އިތުރަށް މިނިސްޓަރު ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މެންބަރު ހުރިހާ ގައުމުތަކަކަށް ގޮވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް