ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތް ރޭ ރަސްމީކޮށް ފަށައިފި އެވެ. އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެބުރާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ކުރީގެ ރައީސް މައުމޫނު ޢަބު...

29 May 2015 | 05:59

ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތް ރޭ ރަސްމީކޮށް ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެބުރާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ކުރީގެ ރައީސް މައުމޫނު ޢަބުދުލް ގައްޔޫމެވެ.

އިސްލާމިކް މިނިސްޓްރީއާއި ދައުލަތުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން އިނާމުތައް ހުށަހަޅާ މުބާރާތުގައި މިއަހަރު 798 ދަރިވަރުން ބައިވެރިވިއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވަމުން އަންނަ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ގައުމީ ޤުރުއާން މުބާރާތް ކުރިޔަށް ގެންދަނީ ކޮމްޕިއުޓަރައިޒް ކުރެވިގެން ސޮފްޓުވެއާއެއް މެދުވެރިކޮށް ކަމަށް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު ޢަބުދުލް ޢަޒީޒު ޙުސައިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ހެދުމުން ކުއްޖާ ކިޔަވާ ނިމޭއިރު އެ ކުއްޖާއަށް ލިބޭ މާކްސް މުބާރާތިގެ މައި މަރުކަޒަށް ވަގުތުން ލިބޭނެކަމަށާއި އޭރުން އިންސާފުވެރިކަމާއި އެކު މުބާރާތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ރާޢްޖެއިން ބޭރުގެ ތިން ފަނޑިޔާރުންނާއި ދިވެހި ދެ ފަނޑިޔާރުންނެވެ. އެގޮތަށް ހަމަޖެއްސީ މުބާރާތާއި މެދު އިތުބާރު ގާއިމް ކުރުމަށް ކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެ އެވެ. އަދި މި މުބާރާތަކީ ބައިނަލް އަގުވާމީ ފެންވަރަށް ކުރިޔަށް ގެންދެވޭ މުބާރާތަކަށް ހެދުމަކީ ބޭރުގެ ފަނޑިޔާރުން ބޭތިއްބުމުގެ ބޭނުން ކަމަށް އެ މަރުކަޒުން ބުނެ އެވެ.

މުބާރާތުގައި ނުބަލާ ކިޔުމާއި ބަލައިގެން ކިޔުމުގެ އިތުރުން ހާފިޒުންގެ ބައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ބައިން ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް