އެއީ އަހަންނަށް ލީޒާ ފެނުނު ފުރަތަމަ ދުވަހެވެ. ފުރަތަމަ ފެނިލުމުންވެސް އަހަންނަށް ލީޒާ ވަރަށް ހާއްސަވިއެވެ. އޮފީހަށް އަލަށް ލީޒާ އައި ދުވަސް އަހަރެންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. ބީރައްޓެހި ކަމެއް ނެތި މުޅި އޮފީހަށް އުޖާލާކަން އެދުވަހު ލީޒާ ގެނުވިއެވެ. ދިހަ އަހަރު ވަންދެން މަސައްކަތް ކުރި އޮފީހަށް ދުވަހަކު އުޖާލާކަން ނާންނަ ވަރަށް އުޖާލަން ކަން އައެވެ. އެ ރީތި ހިނިތުންވުމާއި އެ މަޖާޒީ ވާހަކަ ތަކުން ދުވަހަކުވެސް މީހަކު ފޫއްސެއް ނުވާނެކަން ޔަގީނެވެ. އަހަންނަކީ ނުކުޅެދޭ މީހެއް ކަން ހުދު އަހަންނަށް ވެސް އިހުސާސް ވިޔަ ނުދީ އެހެންމީހުންނެކޭ އެއްފަދައިން އަހަންނަށްވެސް އެހީވެއެވެ. ސުޕަވައިޒަރެއްގެ މަގާމުގައި ލީޒާ ހުރި ނަމަވެސް ބޮޑާކަމެއް ފޮނި ކަމެއް ލީޒާގެ ގަޔަކުނެތެވެ. އަހަރެން އެންމެ ގަޔާވީ ލީޒާގެ އެ ސިފައެވެ. ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަހަރެންގެ މި ނުކުޅެދޭ ދިރިއުޅުން ދެކެ އަހަންނަށް އިންތިހާއަށް ފުރަތަމަ ފަހަރަށް ލޯބިވެވުނެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވިއެވެ. އަހަރެންނަކީވެސް އެހެން މީހުންނެކޭ އެއްފަދަ މީހެއް ކަމަށް އަހަންނަށް ދެކެވެން ފެށިއެވެ. އަހަރެން ބޭނުންވީ އަހަރެންގެ މި އިހުސާސްތައް ލީޒާއާ ހިއްސާކުރާށެވެ. ލީޒާ ވެސް ދެކެނީ އަހަރެން މިއީ ލީޒާގެ ވަރަށް ގަާއި މީހެއްގެ ގޮތުގައިކަމަށް ވާތީއެވެ.
މިކަމާ މެދު ވަރަށް ބޮޑަށް ވިސްނާލުމަށް ފަހު އަހަންނާއި އެކު ކޮފީ އަކަށް ދިޔުމަށް ލީޒާއަށް ދައުވަތު ދިނީމެވެ.
ލީޒާ އަބަދުވެސް ބުނާނެއެވެ. ކިތަންމެ ބިރުގަތަސް އެކަމެއް ނުވާނެއޭ ހިތަށް އެރި ނަމަވެސް ތިމާ ބޭނުންވާ ކަންކަމަށް ކުރިމަތި ލާން ޖޭހެނެއެވެ. އެހެން ކަމުން އަހަރެންވެސް އަހަރެން ބޭޭނުންވާ ކަމާއި ކުރިމަތި ލުމަށް ނިންމީމެވެ.
އަހަރެންގެ ދައުވަތު ލީޒާ ގަބޫލުކޮށް އެރޭ ދެމީހުން ކޮފީ އަކަށް ދިޔުމަށް ނިންމީމެވެ. ފަހަރުގައި މި އިހުސާސްތައް އަހަރެންގެ މޭގައި ހިގާ ކަމެއް ލީޒާއަށް ނޭނގި ދާނެއެވެ. އެހެން ނަމަވެސް އަހަރެންގެ ހިތް ބުނަމުން އައީ ލީޒާގެ ހިތުގައިވެސް އަހަންނާމެދު މިފަދަ އުހުސާސްތަކެއް ވާކަމަށްށެވެ.
ހުދު ކުލައިގެ ގަމީހެއް ލައިގެން މުޅި ގަޔަށް ސެންޓު ބުރުވާލައިގެން އަހަރެން ނިކުތީ އަހަރެންގެ ދިރިއުޅުމުގައި އެންމެ ހިތް އެދޭ މަންޒިލަށް ދިޔުމުގެ އުންމީދުގައެވެ.
ކޮންމެއަކަސް ރެސްޓޯރެންގައި އަހަރެން އިނީ ލީޒާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބައި ގަޑިއެއް ހާއިރު ހޭދަވި ފަހުން ލީޒާއައެވެ.
" ވަރަށް ބޮޑަށް ސޮރީ... ވަރަށް ލަސްވެއްޖެ ދޯ" ލީޒާ ބުންޏެވެ.
"އަހަރެން ހީކުރީ ނާން ނާނެ ކަމަށް.. " އަހަރެން ބުނީމެވެ.
" އެޔޯ... އެ ކީއްވެ ނާންނަންވީ... ހުމައިޒު ބުނީމަ އަހަރެން އަންނާނެ ދޯ" ލީޒާ އެހެން ބުނުމަށް ފަހު ހިނިތުން ވެލިއެވެ.
ފުން ނޭވާ އެއް ލުމަށް ފަހު އަހަރެން އަހަރެންގެ ހިތު ތެރޭގައި ހިނގާ އިހުސާސްތައް ބަންޑުން ކޮށްލުމަށް ތައްޔާރު ވީމެވެ.
" ލީޒާ... އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން"
"އަނެއްކާ ކޮން ވާހަކައެއްބާ... އަހަރެން ދެކެ ލޯބިވީތަ" ލީޒާ އެހެން ބުނުމަށް ފަހު ހޭން ފެށިއެވެ.
އަހަރެންގެ ބޮލުން އާއެކޭ ބުނުމަށް ފަހު ހިނުތުން ވެލީމެވެ. އަހަރެން އެހެން ބުނުމާއި އެކު ލީޒާ ފެށީ ހޭށެވެ.
"އަހަރެން ވެސް ލޯބިވޭ " ލީޒާ އަނެއްކާ ވެސް ހެމުން ބުންޏެވެ.
އަހަރެންގެ ވާހަކަތައް ލީޒާއަށްވީ މަޖަލަކަށްށެވެ. ނޫނީ އެއީ ލީޒާގެ މިޖާޒު ބާއެވެ. ނުވަތަ ލީޒާ މި ގުޅުން މިޔަށް ވުރެން ކުރިޔަށް ގެންދަން ބޭނުން ނުވަނީ ބައެވެ. ހިތުގެ އިހުސާސްތައް ބަންޑުން ކޮށްލުމުން އަހަރެން ހީކުރީ މި ހިތަށް ލިބޭނީ ހަމަ ޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް ލީޒާ އެ ދިޔައީ އަހަރެންގެ ހިތުގައި ބައިވަރު ސުވާލުތަކެއް ފުނި ޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް