ކަނޑުގެ އިން ވަކިކުރީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގައި: އެމްޑީޕީ

ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވ ކަނޑުގެ ސަރަހައްދުގެ އިން ވަކިިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ނަގަހައްޓާފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ...

29 Apr 2023 | 15:00

ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވ ކަނޑުގެ ސަރަހައްދުގެ އިން ވަކިިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ނަގަހައްޓާފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން އިއްޔެ ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މިގޮތަށް ބެހުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

މިނިންމުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިމުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރެއްވި ބަންޑާރަނައިބް އޮފީހުގެ ގާނޫނީ ޓީމަށް މަރުހަބާ ކިޔާފަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދި އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް ކަނޑައަޅައި ފުރިހަމަވެ މިއަދު މި ނިމުނީ އެވެ. ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ މި މައްސަލަ ނިމި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ މިއަދު މި ޕާޓީން އުފާވެރިކަމާ އެކު ބަލައިގަންނަ ކަމެކެވެ." އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް