ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ ގާތިލް ދެނެގަތުމަށްޓަކައި މަނަދޫގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
މިކަން ހާމަކޮށް މިއަދު ދުވަސް ނޫހާއި މަޢުލޫމާތު ހިއްސާކުރައްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް ވިދާޅުވީ ނައީމާގެ ގާތިލް ދެނެގަތުމަށްޓަކައި މަނަދޫގެ ރައްޔިތުންގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާތާ ތިން ދުވަސް ވަރު ވެއްޖެ ކަމަށެވެ.
އަދި ރައްޔިތުންގެ ތެރެއިން ބައެއްގެ ސާމްޕަލް ނަގަނީ އެއްވެސް މީހަކަށް ޝައްކުކޮށްގެން ނޫން ކަމަށް ޞަބީހް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ކައުންސިލުން ވާނީ ފުލުހުން އެދޭ ގޮތަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައި، ކަމަށް ވެސް ޞަބީހް ވިދާޅުވެފައި ވެއެވެ.
މި މަހުގެ ކުރީކޮޅު ނ. މަނަދޫއިން އުމުރުން ދުވަސްވީ މީހަކު އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން މަނަދޫއަށް އަރާ ފައިބާ މީހުން ބަނދަރު ސަރަހައްދުން ފުލުހުންނާއި ކައުންސިލުން އަންނަނީ ބަލަމުންނެވެ.
މީގެ އިތުރުން ދާދިފަހުން މަނަދޫ ކައުންސިލުން ވަނީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި ބިޑަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް