މި ސަރުކާރުން އަޅާ ޓަވަރުތައް ނިމި މިދައުރު ނިމުމުގެ ކުރިން ވަދެވޭނެ: ރައީސް

ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން މިހާރު އަޅާ ޓަވަރުތައް ނިމި މިދައުރު ނިމުމުގެ ކުރިން އެތަންތަނަށް ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. ރައީސ...

29 Apr 2023 | 07:43

ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން މިހާރު އަޅާ ޓަވަރުތައް ނިމި މިދައުރު ނިމުމުގެ ކުރިން އެތަންތަނަށް ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅިގެން ޖޫން މަހުގެ ނިޔަލަށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ މުއްދަތައް ބަލާ ޝަރުތު ހަމަވާ މީހުން ބެލުމުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތް ވެސް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އޮގަސްޓު މަހުގެ ކުރީން  މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ 8 ޓަވަރަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން އަންނަނީ ހުޅުމާލޭގެ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަދި މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް