ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ޚާއްސަ ސަމާލުކަމެއް ދީގެން މި ހިނގާ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ކޮންމެ ދުވަހެއްގެ މަސައްކަތް ތަކުގެ ތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުން ހިމެނޭ ކަމަށެވެ.
އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލްގެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ދަނީ މާލެ އާއި،ވިލިމާލެ ހިމެނޭހެން އެކި ސަރަޙައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް