ދުނިޔޭގައި ދިރިއުޅޭއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރަންޖެހޭ: ޑރ. ސައްތާރު

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ. ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި އިޙްޔާ ފޯރަމްތަކުގެ ...

29 Apr 2022 | 06:58

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފަހު ފޯރަމްގައި ރޭ ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.

"އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި"  މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކުގެ ވާހަކަފުޅުގައިވެސް ކީރިތި ޤުރުއާނުގެ އަލީގައި އިންސާނުންގެ ޙާލަތު އޮޅުންފިލުއްވައިދެއްވިއެވެ.

އެގޮތުން މީސްތަކުން ބެހިފައިވާ ބައިތަކަށް ބައްލަވާލައްވާފައިވެއެވެ. އެއީ ހަތަރު ބަޔަށްކަމަށާއި އެ ހަތަރުބަޔަކީ މުއުމިނުން، ކާފިރުން، މުނާފިޤުން އަދި އަހުލުކިތާބުންކަމަށް ވިދާޅުވެ، މުސްލިމުން ބެހިފައިވާ ބައިތަކަށްވެސް ބައްލަވާލެއްވިއެވެ.

މުސްލިމުންގެ ތެރެއިން ހެޔޮކަމުގައި ކުރިއަރައި ދާމީހުންނާއި ހެޔޮކަމުގައި މެދުމިން ޙިޔާރުކުރާ މީހުންނާއި ނަފްސަށް އަނިޔާވެރިވާ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ.

އިންސާނާއަށް ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުގެ ތެރެއިން މާޔޫސްވާ ޙާލަތްތައް އައުމުން ޢަމަލުކުރަންވީ ގޮތްތަކަށް ބައްލަވާލައްވަމުން، މާޔޫސްވާ ސަބަބުދެނެގަނެ، އެހީތެރިކަން ބޭނުންވެ، ނުވަތަ ފަރުވާއެއް ހޯދަން ޖެހޭ ކަމުގައިވާނަމަ އެގޮތަށް ޢަމަލުކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔުމާއިއެކު ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ބައިތަކަށް ބައްލަވާލައްވަމުން ގަޟާގަދަރަށް އީމާންވުމުގެ މުހިންމުކަމާއި އިންސާނުންގެ ނިކަމެތިކަމަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ.

އިންސާނުންނަކީ ނިޢުމަތެއް ލިބުމުން ބޮޑާވާ ބައެއްކަމަށާއި ހަވާ ނަފްސަށް ތަބަޢަވެ، ދަހިވެތިވެގެންވާ ބައެއްކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް