ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ ބީލަމުގެ މަރުހަލާ ފެށިގެންޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއު އަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު އެއް ކަމަށެވެ. މި މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުޙަލާ ނިންމައި ބީލަމުގެ މަރުހަލާ ފެށީ އިއްޔެ އެވެ.
މި މޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައް ގާއިމް ކުރާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގެ އިތުރުރުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ އެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 ޕަސެންޓު އިތުރުވެ، ފްރީޒިން ކެޕޭސިޓީ 37 ޕަސެންޓު އިތުރުވާނެ އެވެ.
މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ފްރީޒިންގ ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް