ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގާއިމުކުރުމުގެ ބިލް ފާސްކޮށްފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އިސްލާމިކް ޔުނިވާސިޓީގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގު...

29 Apr 2015 | 09:39

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އިސްލާމިކް ޔުނިވާސިޓީގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އެބިލްގައިވާ ގޮތުން އެ ބިލް ފާސްވެ ގާނޫނަކަށްވުމާއެކު މިހާރުގެ ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާ "ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ"ގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ.

އެ ބިލް ދިރާސާކޮށް ކޮމިޓީގެ މަސައްކަތް ނިންމާލިއިރު މާބޮޑު ބަދަލެއް ބިލަށް ގެނެސްފައއެއް ނުވެއެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރި މީހަކު އިސްލާމިކް ޔުނިވަސިޓީގެ ބޯޑުގައި ނުހިމެނޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން މީޑީއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް މިވަގުތަށް ވެސް ފަސް މިލިޔަން ރުފިޔާ ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމާލުމަށް 36 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މިއަހަަރަށް މަޖިލީސް ފެށުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް