މޭ އެއްވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިއުމަށް ރާވަމުން އަންނަ ބޮޑު މުޒާހަރާ "މޭޑޭ" ލީޑް ކުރާނީ އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން ކަމަށާއި އެހެން ނަމަވެސް މުޒާހަރާގައި ވަކި ވަކި ފަރުދުން ކުރާ ކަންކަމުގެ ޒިންމާ ނުނަންގަވާނެ ކަމަށް އިމްރާން ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އިސްކަންދަރު ކޮށީގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ފުލުހުންނަށް މައުލޫމާތު ދެއްވަމުންނެވެ.
"މުޒާހިރާ ލީޑްކުރަނީ ޢިމްރާން ޢަބްދުﷲ ކަމަށްވިޔަސް މުޒާހިރާގެ ތެރޭގައި ވަކިވަކި ފަރުދުން ކުރާ ކަންކަމުގެ ޒިންމާ އަދާލަތު ޕާޓީން އަދި މުޒާހިރާ ލީޑްކުރާ ފަރާތުން ނަގަން ޖެހޭނެކަމަށް ޤަބޫލެއް ނުކުރަން" އިމްރާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މޭމަހުގެ 1 ވަނަ ދުވަހު ބާއްވަން އިންތިޒާމުކުރާ މުޒާހިރާއަކީ އަދާލަތު ޕާޓީން އިސްނަގައިގެން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި، ސިޔާސީ އެހެން ބައެއް ފަރާތްތަކާ، މަދަނީ ބައެއް ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ މުޒާހިރާއެއް ކަމަށެވެ. މިއީ އެއްގޮތަކަށްވެސް ސަލާމަތީ ބާރުތަކާ ދެކޮޅަށް ކުރާ މުޒާހިރާއެއް ނޫންކަމުގައިވެސް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މޭޑޭ އަށް އަތޮޅުތަކުން މީހުން ބައިވެރިކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި އެގޮތަށް އަތޮޅުތެރެއިން މީހުން ގެނައުމުގައިވެސް ބޮޑެތި ކުށްތަކަށް އަރައިގަނެ، ހަމަނުޖެހުމަކަށް މަސައްކަތް ކޮށްފާނެފަދަ އެއްވެސް މީހަކު ގެންނަން ހިއްވަރު ނުދެއްވާނެކަމުގައިވެސް މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް