އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ، ޢީދު އިއުލާނުކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަޒީރުވިދާޅުވެފައިވަނީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއްނޫން ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އަސަރުނުކުރާގޮތަށް ކަމަށެވެ.
"ޚާއްޞަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާކަންތައްތަކެއްކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކުއުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް" ވަޒީރު ވިދާޅުވެފައިވެއެވެ.
އެ މެސެޖުގައި ވަޒީރު ފާހަގަކުރައްވާފައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
"އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް، ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން" ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު މި އަހަރަކީ ދިވެހީންގެ މެދުގައި ޝައްވާލުމަހުގެ ހަނދުގެ ބަހުސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަހަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް