އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ ބަންދު މުއްދަތެއް ކޯޓުން ދީފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު ރިޝްމާހް އެވެ.
ރިޝްމާހްގެ ވަނަވަރާއި މަގްޝޮޓާއެކު ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މާލޭ، ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައިދިޔަ މީހެއްގެ ގަޔަށް، އެހެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރިޝްމާހް ހައްޔަރުކޮށްފައިވާކަމަށެވެ.
ރިޝްމާހްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަންދީގެ ގަޔަށް ބަޔަކު ކަޅުތެޔޮޖެހީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި މުޒާހަރާ ނިންމާލާފައި ގެއަށްދާން ދިޔަ މަގުމަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް