އިއްޔެ މިޔަންމާ އަދި ތައިލޭންޑް ހިމެނޭހެން މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ހާހުން މައްޗަށް ގޮސްފިއެވެ.
މިލިޓަރީ ވެރިކަމެއް އޮންނަ އެ ޤައުމުގެ މިލިޓަރީ ސަރުކާރުން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ޢަދަދު ރޭގެ ނިޔަލަށް 1،002 އަށް އަރާފައިވާކަމަށެވެ.
ދާޚިލީ ހަނގުރާމައެއްވެސް ހިނގަމުން އަންނަ މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ޤައުމުގެ އެތައް އިމާރާތެއް ބިމާހަމަވެ އެތައް މަގެއް ހަލާކުވެފައިވެއެވެ.
ބިންހެލުމާއި ގުޅިގެން ކުއްލި ހާލަތު އެ ޤައުމުގައި އިޢުލާނުކޮށްފައިވާއިރު ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައި އެހެން ޤައުމުތަކުގެ އެހީއަށްވެސް އެ ޤައުމުން މިހާރު ވަނީ އެދިފައެވެ.
ބިންހެލުމުގެ އަސަރު މިޔަންމާގެ އިތުރުން ތައިލޭންޑަށްވެސް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ބިންހެލުމުގައި ތައިލޭންޑުން މަރުވި ޢަދަދު ނުވައެއްގައި އުޅޭއިރު ވެރިރަށް ބެންގްކޮކްގައި ވެއްޓުނު އެންމެ އުސް އެއް "ސްކައި ސްކްރެޕާ" ގެ ދަށުގައި އަދިވެސް ތާށިވެފައި ބަޔަކު އެބަ ވެއެވެ.
އަލުން އެނބުރި މިޔަންމާގެ ހާލަތަށް ބަލައިލާއިރު ޔޫއެސް ޖިއޮލޮޖިކަލް ސާވިސް އިން މޮޑެލް އަށް ރިއާޔަތްކޮށް އަންދާޒާކޮށްފައިވާގޮތުގައި މިޔަންމާއިން މަރުވި މީހުންގެ ޢަދަދު 10،000 ހުރަސްކުރުން އެކަށީގެންވެއެވެ. ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ރާއްޖޭ ގަޑިން ބަލާނަމަ އިއްޔެ ހެނދުނު 11:30 ހާއިރު މިޔަންމާގެ މަންޑަލޭ އަށް އައި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް