ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާގެ ފުރުސަތުލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ. ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފ...

29 Mar 2024 | 08:00

ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.

ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، އެ ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، އެ ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، އެ ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔާރ ކުރެއްވުމާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފެއްގެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު،  ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފެކެވެ.

"މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށް. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައި" ސްޓެލްކޯއިން ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

•  އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ

•  މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ

•  އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

•  އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ

•  މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް

•  ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި އައްޝައިޚް ޢާޒިމް ޚާލިދު ވަނީ ރޯދަމަހުގެ މާތްކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނަށް ދީނީ ނަސޭހަތްދެއްވާފައެވެ.

މީގެ އިތުރުން އެ ހަފްލާގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުންފުންޏަށް 75 އަހަރު ފުރެންދާއިރު، މިދާއިރާގެ އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އަދި ފާހަގަކޮށްލެވޭ ފުންނާބުއުސް އަދި އެންމެ ގިނަ ދުވަސްވީ ޚިދުމަތްތެރީން ތިބީ މިކުންފުނީގައި ކަން ފާހަގަ ކުރައްވައި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރެއްގައި އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް