ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި، "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލ...

28 Mar 2024 | 22:58

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި، "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެވެ.

އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި މިއަދު ސޮއިކުރި އިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފައެވެ. އަދި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިއީ އެޗްޑީސީގެ ކޯޕަރޭޝަންގެ ސީއެސްއާރުން ތަރައްގީ ކުރާ ޕްރޮޖެކްޓެއްކަމުގައި އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި ހިޔާ ޓަވަރ 8 ގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވެއެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ކަމުގައިވެސް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީއިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް