އަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ދަރިންނާ މުޢާމަލާތު ކުރެއްވި ގޮތް ދަސްކޮށް، އަމަލުކުރަން ޖެހޭ: ޝައިޚް މުޙައްމަދު

މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ﷺ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ. އައްޝައިޚް މުޙައްމަދު މޫސާ...

29 Mar 2023 | 18:04

މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ﷺ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

އައްޝައިޚް މުޙައްމަދު މޫސާ މިހެން ވިދާޅުވީ ޅ. ނައިފަރުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

"ލޮބުވެތި ނަބިއްޔާ ﷺ ކުޑަކުދިންނާއެކު" މި މައުޟޫޢަށް ނައިފަރުގައި ތަޤްރީރު ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް މުޙައްމަދު މޫސާއެވެ.

މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވީ މިއަދު މި މުޖުތަމަޢު އިން ގެއްލިފައިވަނީ ރަސޫލާ ﷺ އޭރުގެ ކުޑަކުދިންނަށް ދެއްވާފައިވާ ރިވެތި އަޚްލާޤާއި ސުލޫކާއި އެކަލޭގެފާނު މުޢާމަލާތު ކުރެއްވި ގޮތްކަމަށެވެ.

މިއީ މިފަދަ ދުވަހެއް ދިމާވެދާނެތީ އެކަމަކަށް ރަސޫލާ ﷺ އަމުރު ކުރެއްވި ކަންތައް ކަމަށާއި މިއަދު މި މުޖުތަމަޢު އިން ފެންނަ ނޭދެވޭ ކަންކަމަކީ އަޅުގަނޑުމެން، ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަންތައްތަކަށް އިޙްމާލްވުމުން ދިމާވެފައިވާ ހިތާމަވެރި ކަންކަންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ މައިންބަފައިން ރަސޫލާ ﷺ ކުޑަކުދިންނާއި މުޢާމަލާތު ކުރެއްވި ގޮތް ދިރާސާކޮށް އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލް އުސްތާޛް މުޙައްމަދު އަނީލް ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި އެކިއެކި ޙާދިސާތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މިގޮތުން ރަސޫލާ ﷺގެ ޒަމާނުގައި ކުޑަކުދިން އެކަލޭގެފާނުދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެއީ އެކަލޭގެފާނު ކުޑަކުދިންނާ މުޚާތަބްކުރެއްވި ރިވެތި އުސޫލުތަކާއި ބެހެއްޓެވި އޯގާތެރި ކަމުންކަމަށް ވިދާޅުވިއެވެ.

އަދި ކުޑަކުދިންނާ ރިވެތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ރަސޫލާ ﷺ އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.

ރަސޫލާ ﷺގެ ހަދީޘްތަކަށް ބައްލަވާލައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ ބޮޑެތިމީހުންނަށް އިޙްތިރާމް އަދާނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން މުހިންމު މިސާލުތައް ނަންގަވައި، ކުޑަކުދިންނާ މުޚާތަބްކުރެއްވި ގޮތާއި، ކުޑަކުދިން ތަރުބިއްޔަތު ކުރެއްވުމަށް ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކާއި ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރި ވާންވީގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި މިކަން ކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ.

އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ޅ. ނައިފަރުގެ އިޙްޔާ ފޯރަމަށްފަހު ދެން އެންމެ އަވަހަށް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިހްޔާ ފޯރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް