ޒަކާތު ފަންޑުން ބޭސްފަރުވާގެ ޚިދުމަތްތަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: ޑރ. ޒާހިރު

ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ ހިދުމަތްތަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ. މިނި...

29 Mar 2023 | 09:11

ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ ހިދުމަތްތަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒާހިރު މިހެން ވިދާޅުވީ ސިއްހީ ދާއިރާގެ ބޭނުންތަކަށާއި ބޭސްފަރުވާއަށް ދާންބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން ހަރަދުކުރާކަމަށާއި، އެގޮތުން ވޭތުވެދިޔަ 3 އަހަރު މިކަމަށް ޚަރަދު ކުރެވުނު މިންވަރެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

އެގޮތުން މެމްބަރު އިބްރާހިމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފަރާތްތަކަށް ހަރަދުކުރަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށެވެ.

ހަމައެހެންމެ 2019 ވަނަ އަހަރު 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި، 2020 ވަނަ އަހަރު 6 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި 2021 ވަނަ އަހަރު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާއަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި ޒަކާތުގެ ފައިސާ ބެހުމަށް އަމުރު ކުރައްވާފައި ވަނީ 8 ބަޔަށް ކަމަށާއި އޭގެ ބޭރުން އެ ފަންޑުން ފައިސާ ޚަރަދުކޮށްފައި ނުވާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޒަކާތުގެ ފައިސާ ބަހާ އަށް ބަޔަކީ، ފަޤީރުންނާއި، މިސްކީނުންނާއި، އާމިލުންނާއި، މުއައްލިފަތު ގުލޫބުހުމް އަދި ދަރަނިވެރިންނާއި، އިބުނުއްސަބީލުގެ އިތުރުން އަޅުން މިނިވަން ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅު ވިއެވެ.

އެހެންކަމުން ސަރުކާރުންވެސް ޒަކާތު ފަންޑު ބޭނުން ކުރަނީ ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް