ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް މ. ބަނަފްސާވިލާ އިބްރާހީމް ވަޙީދު (އިބުރޭ) މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އިބްރާހިމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އިބްރާހިމް ވަހީދަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ހެލްތް އެންޑް ފެމިލީ މިނިސްޓްރީ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމު ހިމެނެ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވުސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓެރީގެ މަޤާމުވެސް އިބްރާހިމް ވަހީދު ފުރުއްވާފައިވެއެވެ.
އިބުރޭ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު އެ އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒު މިއަދު ވަނީ މަގާމުން ވަނިކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް