މ. މުލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ފުރިހަމަ ކޮށްފައިވާ ކަމަށާއި ސައިޓުގައި މިހާރު ކުރިއަށް ދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން ހިމެނޭ ކަމަށް އެމްޓިސީސީން ބުނެފައި ވެއެވެ.
އަދި 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 61.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް